Skip to main content

ދިވެހިރާއްޖެ: ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުތަކަށް އިހުމާލުވުން

ބިންހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ މުޖުތަމައުއަށް ގެއްލުންވެ، މޫސުމީ

Workers at a construction site in the Maldives, December 9, 2019. © 2019 Carl Court/Getty Images

 

  • ދިވެހިރާއްޖޭގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުތަކަށް ތަބާނުވުމުގެ ސަބަބުން ފެންބޮޑުވުމާއި އެނޫންވެސް ގެއްލުންތަކަށް ރަށްތައް ހުށައެޅިގެންދޭ

  • ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެންވައިރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓްތަކުން ލާޒިމުކުރާ ފިޔަވަޅުތަކަށް ދޭންޖެހޭ ސަމާލުކަމެއް ނުދޭ. އަދި ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ގަވާއިދުން މޮނިޓަރ ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ދިވެހިރާއްޖޭގެ އިދާރާތަކުން ވަނީ ނުކުޅެދިފައި.

  • ތަރައްގީގެ މަޝްރޫއުތަކުން ކޮށްފާނެ ނޭދެވޭ އަސަރުތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ދެނެގަނެ، ގެއްލުން ކުޑަކުރަން އެޅޭނެ ފިޔަވަޅުތަށް ރަނގަޅަށް ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށް ޝަރުތުކުރުމަކީ، ރާއްޖެއަށް ކްލައިމެޓް ފައިނޭންސް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް.

 

(ނިއުޔޯކް) – ދިވެހި ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތަށް ހިންގުމުގައި ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުތަކަށް އިހުމާލުވެ އަޅާނުލުމުގެ ސަބަބުން ފެންބޮޑުވުމަށާއި އެހެނިހެން ގެއްލުންތަކަށް ރަށްރަށުގެ އާބާދީތަށް ހުށައެޅިގެން ދާކަމަށް ހިއުމަން ރައިޓްސް ވޮޗް އިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. ބިންހިއްކުމުގެ މަޝްރޫއުތައް އާއްމުކޮށް ހިންގަނީ އަވަސް އަރުވާލައި، ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ބެލުމެއް ނެތި، ގެއްލުންކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަށް ނާޅާ އަދި އާއްމުންގެ ހިޔާލުހޯދުމެއްވެސް ނެތިއެވެ. މީގެ އިތުރުން ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމުގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދިނުމަކީ ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

"އަހަރެމެން މިއުޅެނީ އަދިވެސް މިކަމުން އަރައިނުގަނެވިގެން: ބިން ހިއްކުމު މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ އާބާދީތަކަށް ގެއްލުން" ގެ ނަމުގައި ޝާއިއުކޮށްފައިވާ 27 ސަފުހާގެ ރިޕޯޓުގައި، ދިވެހި ސަރުކާރުން ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތަށް ހިންގަން ފެށުމުގެ ކުރިން އާއްމުންނާ މަޝްވަރާ ނުކުރާކަމާއި، އެންވައިރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ތަކުން ލާޒިމުކުރާ ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތަށް ނާޅާކަމާއި، އަދި މަޝްރޫއުތަކުން ލިބިދާނެ ގެއްލުންތައް ކެނޑިނޭޅި ބަލާ މޮނިޓަރ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން މިހާރުވެސް މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ތިމާވެށިގެ ދިރުންތައް ނެތިދިއުމާއި، ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވުންފަދަ ކަންކަމާ ކުރިމަތިލާންޖެހިފައިވާ މުޖުތަމައުތަށް އިތުރު ނުރައްކަލަށް ހުށައެޅިގެންދެއެވެ.

"މޫސުމަށް އަންނަބަދަލުތަކުން ދިވެހިރާއްޖެ ހިމާޔަތްކުރުމުގައި އެހީތެރިވެދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އިތުރު މަސައްކަތްތަކެއް ކުރަންޖެހުނު ކަމުގައިވީނަމަވެސް އޭގެ މާނަޔަކީ ދިވެހިރާއްޖޭގައި އަމަލު ކުރަންޖެހޭ ތިމާވެށީގެ ޤާނޫނުތަކާއި ރާއްޖެއިން އަދާ ކުރަންޖެހޭ ބައިނަލްއަގުވާމީ މަސްއޫލިއްޔަތުތަކަކީ އަޅާނުލާ ދޫކޮށްލެވޭނެކަންކަމެއް ނޫން،" ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް ޑިރެކްޓަރ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވިއެވެ. "ބިން ހިއްކުމާއި އެހެނިހެން ތަރައްޤީގެ ސިޔާސަތުތަކުގެ ސަބަބުން މީހުންގެ އާމްދަނީއާ ގުޅިފައިވާ ހައްޤުތަކާއި، ނުރައްކަލަށް ހުށައެޅިފައިވާ ރަށްތަކުގެ ރައްކާތެރިކަމަށް އަސަރު ނުކުރާކަން ދިވެހި ސަރުކާރުން ކަށަވަރުކުރަންޖެހޭ."

މިފަދަ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން އެތަކެއް ޤާނޫނުތަކެއް ފާސްކުރި ކަމުގައި ވީނަމަވެސް، މި ޤާނޫނުތައް ތަންފީޒުކުރެވޭ މިންވަރު ވަރަށް ދަށެވެ. އެކަށީގެންވާ މިންވަރަށް ނުބަލާ ހިންގާ ތަރައްޤީގެ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ މުޖުތަމައުތައްދަނީ ގުދުރަތީ ވަސީލަތްތަކާއި، ސާފު ބޯފެނާއި، އާއްމު ބިންތަކާއި، މޭވާގަސްތައް ފަދަ ވަސީލަތްތަކުންވެސް މަހުރޫމުވަމުންނެވެ.

ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ވަށައިގެންވާ ނާޒުކު ފަރުތަކަކީ، ތޫފާނުތަކާއި، ފެންބޮޑުވުމާއި، ސުނާމީތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމުން ލިބިދޭ ގެއްލުން ކުޑަކޮށްދޭ ގުދުރަތީ ހުރަހެއް ކަމުގައިވީ ނަމަވެސް، ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން މި ފަރުތަކަށް ގެއްލުންވެއެވެ.

ތިމާވެށްޓާއިބެހޭ އިދާރާތަކުގެ ލަފަޔާއި ހިލާފަށް ދިވެހި ސަރުކާރުންވަނީ ކުޅުދުއްފުށީގައި އެއަރޕޯޓެއް ހެދުމަށްޓަކައި އެރަށުގެ ކުޅީގެ 70 އިންސައްތަ ހިއްކާފައިއެވެ. މި ކުޅި ނައްތާލުމުގެ ސަބަބުން، ކުރިންވެސް ނުރައްކަލަށް ހުށައެޅިފައިވާ އެރަށުގެ ބައެއް ރަށްވެހިންގެ އާމްދަނީ ހޯދުމުގެ މަގު ގެއްލި، ފަގީރުކަމަށް ވަނީ ހުށައެޅިފައިއެވެ. އެއަރޕޯޓު ހެދުމަށްޓަކައި ކުޅި ހިއްކުމުގެ ސަބަބުން ކުޅުދުއްފުށީގެ ކުޑަ ވިޔަފާރިއެއް ހިންގަމުން ދިޔަ އަންހެނަކު، އޭނާއަށާއި، އޭނާފަދަ އެހެން އަންހެނުންނަށް ކުރި ނޭދެވޭ އަސަރު ކިޔާދިނެވެ. "އަހަރެމެން ކުރިން މީ ދޮންކެޔޮ އިންދައިގެން އުޅުނު ބައެއް. އެހެންނަމަވެސް ތަރައްގީގެ ނަމުގައި އެ ގަސްތައް ނައްތާލީ،" އޭނާ ބުންޏެވެ. "މިހާރު އަހަރެމެން ޖެހެނީ ދޮންކެޔޮ އިމްޕޯޓު ކުރަން. މި ގެނެވުނު ތަރައްގީގެ ނަތީޖާއަކަށް މިވީ، އަހަރެމެންނަށް އަތް ނުފޯރާ އަގުގައި މޭވާ އިމްޕޯޓުކުރަން ޖެހުން."

ދިވެހިރާއްޖޭގެ 80 އިންސައްތަ ރަށްތަކުގެ އުސްމިން ކަނޑުގެ ސަތަހައިން ފެށިގެން 1 މީޓަރަށްވުރެވެސް ތިރިއެވެ. އަދި ރަށްގިރުމާއި، ފެން ފަށަލަ ލޮނުވުންފަދަ ކަންކަން މި ރަށްތަކުން ތަހައްމަލު ކުރަމުން ދާ ހިނދު، މޫސުމީ ބަދަލުތަކަކީ، ދިވެހިރާއްޖެ ވުޖޫދުގައި ދެމިއޮތުމަށްވެސް އޮތް ނުރައްކަލެކެވެ.  ބައިނަލްއަގުވާމީ ފޯރަމް ތަކުގައި ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާބެހޭ ކަންކަމުގައި ވަރުގަދަ އަޑެކެވެ. އެހެން ނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމަށާއި، އުމްރާނީ ތަރައްޤީގެ މަޝްރޫއުތަށް ހިންގުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމުގެ ފިޔަވަޅުތަކަށް އިހުމާލުވެ އެކަންކަމަށް ބެލުމެއް ނެތި ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމަށް އަންނަބަދަލުތަކަށް ފިޔަވަޅުއެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުންތަކުގެ ބުރަދަނަށް އަސަރު ކުރެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ވަނީ ވައުދުވެ، މިކަމަށް މާލީ އެހީތެރިކަމަށް އެދިފައިއެވެ. މިފަދަ ކްލައިމެޓް ފައިނޭންސް ފޯރުކޮށްދޭ ޤައުމުތަކާއި މުއައްސަސާތަކުން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ މުހިއްމު ކަމަކަށް ވީނަމަވެސް، މި އެހީ ފޯރުކޮށްދޭންވާނީ، ދިވެހިރާއްޖޭގެ ސަރުކާރަށް، ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުތައް ތަންފީޒުކުރުމަށާއި، އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އަށް މިނިވަންކަމާއި އެކު މަސައްކަތްކުރެވޭނެކަން ކަށަވަރުކުރުމަށާއި، އަދި އާއްމުންނާ ގުޅޭކަންކަމުގައި އެފަރާތްތަކުގެ މަޝްވަރާގެމަތިން މެނުވީ ކުރިއަށް ނުދިޔުމަށް ޝަރުތުކޮށްފައެވެ.

"ތިމާވެށީގެ ރައްކާތެރިކަމާއި، ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރާ ސިޔާސަތުތަށް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ފުރުސަތެއް އެބައޮތް." ގޮސްމަން ވިދާޅުވިއެވެ. "މިހާރުވެސް ގެއްލުންތައް ލިބިފައިވާ މުޖުތަމައުތަކުގެ ހައްޤުތަކަށް އިހްތިރާމުކޮށް ތިމާވެއްޓަށް އިތުރުގެއްލުންތައް ނުލިބޭނެ ފަދައިން ސަރުކާރުގެ އަމަލުތަށް ބެހެއްޓުމަކީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަންޖެހޭނެ ކަމެއް."

Your tax deductible gift can help stop human rights violations and save lives around the world.

Region / Country